ޣަނީމާ މުދާހެން ސަރުކާރުގެ ބާރުތައް ބަހާލުމުގެ ފުރުސަތު މައުމޫނަށާއި ޔާމިންނަށް ނުދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ގޮވާލައްވައިފި

 

ޣަނީމާ މުދާހެން ސަރުކާރުގެ ބާރުތައް ބަހާލުމުގެ ފުރުސަތު މައުމޫނު އަބްދުލްގައްޔޫމަށާއި ޔާމީން އަބްދުލްގައްޔޫމަށް ނުދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. ޤާސިމް މިކަމަށް ގޮވާލެއްވީ، "ވަތަން އެދޭގޮތަށް" ގުޅުމުން ރާއްޖޭގެ އުތުރުގެ ދެއަތޮޅަށް އިއްޔެ ފެށްޓެވި ކެމްޕެއިން ދަތުރުގައި އިއްޔެ ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

 

ޤާސިމްގެ ވާހަކަފުޅުގައި، ޣަނީމާ މުދާހެން ސަރުކާރުގެ ބާރުތައް ބަހާލުމުގެ ފުރުސަތު މައުމޫނަށާއި، ޔާމީނަށް ނުދެއްވުމަށާއި، އަދި ވޯޓު ދިނުމަށް އެދި ބައެއް ރައްޔިތުންނަށް ވަގުނޫޓު ބަހަމުންދާކަންވެސް ފާހަގަކުރެއްވިއެވެ. އެފަދަ ފައިސާގައި ނުހިފުމަށާއި، އެތަކެތީގައި ހިފައިފިނަމަ ކުށްވެރިވާނީ އެނިކަމެތި ރައްޔިތާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

 

މީގެއިތުރުން އިއްޔެ ހދ. ނޮޅިވަރަމްއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް ޖެހިފައިމިވާ ހާލަތު ޖެހި އަސާސީ ހައްގުތައް ރައްޔިތުންނަށް ނުލިބިފައިވަނީ ފައިސާ ނެތިގެން ނޫންކަމަށާއި އެއީ ގަސްތުގައި ކުރާ ކަމެއްކަމުގައެވެ.

 

އިއްތިޙާދުގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދު ނޮޅިވަރަމްގައި ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަށް ދަތިކަމާއިއެކު އުޅެންޖެހިފައިމިވާ ދުވަސް ނޫންދުވަހެއް ދިވެހިންނަށް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޒުވާނުންގެ މަގު އޮޅުވާލުމަށް މައުމޫނުގެ ސަރުކާރަކުން ނުކޮށް ދޫކޮށްލި އެއްވެސްކަމެއް ނެތްކަމަށެވެ.

 

ރާއްޖޭގެ އުތުރުގެ ދެއަތޮޅަށް ފެށްޓެވި ކެމްޕެއިން ދަތުރުގައި އިއްތިހާދުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަދި ޖުމުހޫރީ ގުޅުމުގެ ލީޑަރ ޤާސިމް އިބްރާހިމާއި، ޑރ.ޙަސަން ސަޢީދާއި، އަދި ގައުމީ އިއްތިހާދުގެ ވައިސް ޗެއާޕަރސަން ޑރ.މުސްތަފާ ލުތުފީ އާއި އެހެނިހެން އިސްބޭފުޅުންނެވެ.

 

 

ެ

ެ

 

 

 

 

 

 

 

 

 

 

 

 

 

(c) Copyright 2008 - info@voteqasim.com