އެނބުރި ގެއަށް ވަންނާނީ މާތްﷲގެ އިރާދަފުޅާއެކު ޤާނޫނީ ހަމަތަކުގެމަތިން މިވެރިކަން ބަދަލުކޮށްގެންކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ

 

މާތްﷲ ވަހީކުރައްވާ އަންގަވާފައިވަނީ އެބައެއްގެ ހާލަތު އެބަޔަކު ބަދަލުކުރުމުން މެނުވީ ބަދަލުވެގެން ނުދާނޭކަމަށް ކަމަށާއި، އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާނީ އަޅުގަނޑުމެން ދިވެހި ރައްޔިތުން މަސައްކަތް ކޮށްގެންކަމަށް ޖުމްހޫރީ ގުޅުމުގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

 

ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ، މައްޗަންގޮޅީގައި ހުޅުވި ކެމްޕޭން ޖަގަހަ "އަދަބީ ޗަމަން" ހުޅުވި ރަސްމިއްޔާތުގައި އެތަނަށް އެއްވެފައިތިބި ރައްޔިތުންނާއި މަގުމަތީގައި ތަގްރީރުކުރައްވަމުންނެވެ. "އަޅުގަނޑުމެން އެދޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނީ ވަތަން އެދޭ ގޮތަށް. އެހެންވީމާ މިކަން ޙާސިލްކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނިއަށް ވޯޓްދެއްވުމަށް ވަރަށް އަދަބުވެރިކަމާއި އިޚްލާސްތެރިކަމާއި އާދޭހާއެކު ދަންނަވަން... ތަނަވަސްކަމުގެ ބަޔަކު ނުކުމެ ހައްގުގެ ވާހަކަ ބުނާއިރަށް މިބުނަނީ އޭ ގުޅީ އީސާ ކަލޭފާނަށް ހެދި ގޮތް ހަދާނަމޭ. ނޫނީ ލުނބޯހުތް ފެލާލާހެން ފެލާލާނަމޭ. ބަލަ ކިހިނެއްތޯ އެކަންތައް ކުރަނީ. މިމީހުން އެކަނިތޯ މިގައުމުގަ ތިބީ. ދެން އެންމެ ރަނގަޅު، ހަދާނެގޮތެއް ހަދާ. އަހަރެމެން މިތިބީ ނިކުމެ. ހަދާނެގޮތެއް ހަދާލަންވީ ނޫންތޯ. އަހަރެމެން އެނބުރި ގެއަށް ވަންނާނީ މާތްﷲގެ އިރާދަފުޅާއެކު ގާނޫނުއަސާސީގެ ހަމަތަކުގެމަތިން މިވެރިކަން ބަދަލުކޮށްގެން. އަހަރެމެން އަތުގަ އެއްޗެއް އޮތަސް ނެތަސް. ހުރިހާއެއްޗެއް ނެގިޔަސް ވަރިހަމަ" މިސަރުކާރުން ރައްޔިތުންނަށް ހިތުހުރިހާ ގޮތެއް ނެހެދޭނެކަމަށް އާއްމު ރައްޔިތުން ޝުއޫރު ފާޅުކުރަމުން ދިޔައިރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. 

 

ޤާސިމް އިބްރާހިމް ވިދާޅުވީ، މިސަރުކާރުގައި އޮންނަ ކަމަކީ މީހުންނަށް ދުއްތުރާ ކުރުމާއި އުނދަގޫކުރުން ކަމަށެވެ. މިއަދު ދިވެހި ރައްޔިތުންނަށް ފަރުދީ މިނިވަންކަން މިލިބުނީ ކެންޑިނޭޅި ބަޔަކު ީހުން ކުރި ބުރަ މަސައްކަތާއި ޖިހާދުންކަމަށް ވިދާޅުވެ މިކަން އަނެއްކޮޅަށް ޖަހަން އަނެއްކާ އަޅުގަނޑުމެން ފުރުސަތު ދެއްވައިގެން ނުވާނެކަމަށް ވިދާޅުވިއެވެ. 

 

މީގެއިތުރުން މައުމޫންގެ ބަހާއި އަމަލާއި ދިމާނުވާކަމުގެ ހެކިތަކެއްވެސް ޤާސިމް އިބްރާހިމްވަނީ ރޭ ދައްކަވާފައެވެ. މިގޮތުން ވިދާޅުވީ، "މިހާރު މާބޮޑު ޤާނޫނީ ބޭފުޅަކަށްވެގެން ވާހަކަފުޅުދައްކަވާއިރު، 19 ޖުލައި 2004 ދުވަހު ސިއްރު ވޯޓެއް ނަގަންޖެހޭ ތަނެއްގައި، ފާޅު ވޯޓެއް ނަގާތީ، ގަވާއިދާ ޚިލާފްވާތީ އަޅުގަނޑުމެން ނުކުމެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް. ކޮންމެއަކަސް ވަރަށް ގިނައިރު ތިބެގެން ބައްދަލުވެއްޖެ. 23 މެމްބަރަކު އެކި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވީމާ ވިދާޅުވަނީ ތިމަންނާއަކީ ޤާނޫނީ ބޭފުޅެއް ނޫނޭ. ޤާނޫނެއް ތިމަންނާއަކަށް ނޭނގޭނެއޭ. ޤާނޫނީ ބޭފުޅުންނަށޭ ޤާނޫން އެނގޭނީ. އެކަމަކު މިއަދު އެމަނިކުފާނު ހާދަ ބޮޑު ޤާނޫނީ ބޭފުޅަކަށް ވެއްޖެއޭ އިނގޭތޯ. ޤާނޫން ނޭނގޭ މީހަކު ކިހިނެއްތޯ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރާނީ" ޤާސިމް ވިދާޅުވިއެވެ.

 

ހަމައެއާއެކު 9 ޖޫން 2004 ގައި، ދެދައުރަށްވުރެ ގިނަދުވަހު މީހަކު ރައީސުލްޖުމްހޫރިއްޔާކަން ކުރުމަކީ ހެޔޮވާވަރު ކަމެއް ނޫނޭ ވިދާޅުވެފައި، ޤާނޫނުއަސާސީ ނިމެން އުޅުނީމަ ވިދާޅުވަނީ، "ހޯހޯ މަބޭނުމޭ އަދިވެސް. ބަލަ ހަދައުރުވެއްޖެއޭ މިހާރުވެސް" ކަމަށެވެ.

 

"ދެން ވިދާޅުވަނީ ޒުވާނުންނަކީއޭ މިގައުމުގެ މުސްތަގްބަލަކީ. އެކަމަކު އެބޭފުޅާއާއެކީ މަސައްކަތްކުރެއްވި އެންމެން މުސްކުޅިވެގެން ގެއަށް ވަންނައިރުވެސް މީނަ (މައުމޫން) ނޫޅޭ ގެއަށް ވަންނާކަށް. ކީކޭތޯ ދެން ބުނާނީ" ރޭގެ އެތަނަށް އެއްވެފައި ތިބި ރައްޔިތުންނާއި މުޚާޠަބުކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. 

 

"އަދަބީ ޗަމަން" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނިއާއި ރަނިންމޭޓް ޑރ.މުހައްމަދު ވަހީދް ހަސަން މަނިކާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސްއާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. 

 

މިޖަގަހަ ހުންނަނީ ދަނބުރުއްގަސް މަގުގައެވެ. އެމްޑީޕީގެ އަދަބީ ޗަމަން ގޮފި އުފެދިފައިވަނީ މިސަރަހައްދުންނެވެ. 

 

 

ެ

ެ

 

 

 

 

 

 

 

 

 

 

 

 

 

(c) Copyright 2008 - info@voteqasim.com