ސިޔާސީގޮތުން އެއްފެންވަރެއްގައި ވާދަކުރައްވަމުން ވަޑައިގަތް ޤާސިމް އަންނިއާއެކީ އިސްލާހަށް ނުކުމެވަޑައިގަތުމީ، ސިޔާސީ ހަޔާތުގައިވެސް ދުށް ފުރަތަމަ މަންޒަރުކަމަށް އަންނި ވިދާޅުވެއްޖެ

 

ވަޠަން އެދޭ ގުޅުމުން އިންތިޚާބު ކާމިޔާބުކުރާތާ ދެއަހާރާއި ހަމަސްދުވަހުގެތެރޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބާއްވާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ. އަންނި މިހެންވިދާޅުވީ ވަޠަންއެދޭ ގުޅުމުގެ ފަރާތުން މިހާރު އައްޑުއަތޮޅުގައި ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުގައި، ރޭ ހިތަދޫގައި ހުންނަ މުޙިއްބުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

އަންނި ވިދާޅުވީ، މިހާރު މިބޭއްވޭ އިންތިޚާބު މިނިވަން ނުވުމުން، ރައްޔިތުން އިޚްތިޔާރުކުރާ ލީޑަރުންނާއި ރައްޔިތުންގެ ދެމެދުގައި ހުރަހަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނޭ ކަމަށާއި، އެހެންކަމުން، އަންނަ އޮކްޓޫބަރުމަހުގެ 28 ވަނަދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވުމަށްފަހު، ދައުރުގެ މެދުތެރެއިން އަލުން ރިޔާސީ އިންތިޚާބެއް  ބާއްވަވާނޭ ކަމަށެވެ. އެމަނިކުފާނަކީ ވެރިކަމަށް ދަހިލަވައިގެން އުޅުއްވާ ބޭފުޅެއް ނޫންކަމަށްވެސް އަންނި ވިދާޅުވިއެވެ.

 

އަންނިގެ މިނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި، މިކަމަށް ވަރަށްބޮޑަށް މަރުޙަބާ ކިޔާކަމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުން ތިނަވަނަ ހޯއްދެއްވި، ޑރ.ހަސަން ސައީދުގެ ރަނިންމޭޓް ޑރ.ޝަހީދުވަނީ ވިދާޅުވެފައެވެ. އަދި އަންނިގެ މިނިންމުމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންގެ ތާއީދު އަންނިއަށް ލިބިގެންދާނެކަމަށް ވަރަށްބޮޑަށް އުއްމީދުފުކުރައްވާ ކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ. އަދި މިފަހަރުގެ އިންތިޚާބު ވަޠަންއެދޭގުޅުމުން ކާމިޔާބުކުރާނެ ފުރުޞަތު ބޮޑުކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

 

ޑރ.ހަސަން ސަޢީދު އެމްޑީޕީއަށް ތާއީދުކުރީ 18 މަސްދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ޝަރުޠު ކުރުމަށްފަހުގައިކަމަށް ދެކެވޭ ވާހަކަތަކީ މުޅިން ހަޤީގަތާ ޚިލާފް ވާހަކަތަކެއް ކަމަށާ، އެމްޑީޕީއަށް ތާއީދުކުރުމުގައި އެއްވެސް ކަމަކަށް ޝަރުޠު ނުކުރާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އެހެންނަމަވެސް މިއިންތިޚާބު ކާމިޔާބުކުރުމުގައި ގެންގުޅެވިދާނެ އުސޫލްތަކާބެހޭ ބައެއް ކަންކަމާބެހޭގޮތުން އިރުޝާދުތަކެއް އަންނިއަށް އަރުވާފައިވާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

 

އައްޑޫމީދޫގައި ވަޠަންއެދޭގުޅުމުގެ ކެމްޕޭނާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވީ، މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވުމަށް ނިންމެވި ނިންމެވުމަކީ އެއްވެސް މީހެއްގެ ޕްރަޝަރަކުން ނިންމެވި ނިންމެވުމެއް ނޫން ކަމަށާ، ވަޠަންއެދޭ ގުޅުމުގެ ނިންމުންތަކަކީ ރައްޔިތުންގެ ނިންމުންތައް ކަމަށެވެ. އެހެންކަމުން މިގުޅުމުން ނިންމާ އެންމެހާ ނިންމުންތަކަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ނިންމުން ކަމަށްވެސް އަންނި ވިދާޅުވިއެވެ.

 

ވަޠަން އެދޭގުޅުމުން އިންތިޚާބު ކާމިޔާބުކުރާތާ 2 އަހަރާއި ހަމަސްދުވަހުގެ ތެރޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވުމަކީ، އިޤްތިޞާދީގޮތުން ރާއްޖެއަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކުރުން މުޙިންމުކަމެއްތޯ، ޤާސިމް އިބްރާހިމް އާއި ނޫސްވެރިޔަކު ސުވާލު ދެންނެވުނު ޤާސިމް ވިދާޅުވީ، މިހާރު ސަރުކާރުން މިބާއްވާކަހަލަ އިންތިޚާބެއްގެ ބައިކުޅަބައިވެސް އެފަދަ އިންތިޚާބެއްގައި ޚަރަދު ނުވާނެކަމަށެވެ. އެހެންކަމުން އެއީ އިޤްތިޞާދީގޮތުން ގެއްލުންވާނެ ކަމެއްކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ އެފަދަ އިންތިޚާބެއްގައި ކޮރަޕްޝަނެއް ނުހިނގާނެ ކަމަށާ، ވޯޓް ލިސްޓްތައް ޞައްހަވާނެ ކަމަށާ، މިނިވަން އިންސާފްވެރިގޮތުގައި އިންތިޚާބުގެ ކަންތައްތައް ބެލެހެއްޓޭނެ ކަމަށެވެ. 

   

ޑރ.ހަސަން ސައީދަށް ބޮޑު ތާއީދެއް ލިބުނު އައްޑުއަތޮޅުން، ހަސަންއަށް ލިބުނު ވޯޓްތަކަކީ އަންނިއަށް ލިބިދާނެ ވޯޓްތަކެއްކަމަށް އެއްގޮތަކަށްވެސް ހީނުކުރެއްވުމަށް ޑީއާރުޕީން ގޮވާލާފައިވަނިކޮށް، ވަޠަންއެދޭގުޅުމުގެ ފަރާތުން އައްޑުއަތޮޅަށް ފެށި ކެމްޕޭންދަތުރުގައި އެގުޅުމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. 

 

ރޭގެ ޖަލްސާގައި މިނިވަން އިންސާފްވެރި އިންތިހާބެއް ބާއްވާނެކަމަށް އަންނި އިއުލާންކުރެއްވުމާއިގުޅިގެން އަންނިއަށް ގިނަބަޔެއްގެ ތާއީދު އިތުރުވެފައިވާކަމަށް ގިނަ ސިޔާސީ ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

 

 

ެ

ެ

 

 

 

 

 

 

 

 

 

 

 

 

 

(c) Copyright 2008 - info@voteqasim.com